ރޭޓިންގްސް


މިއީ ހުރިހާ އުމުރުފުރައަކަށް ހުއްދަ ދަރަޖައެވެ. މި އުމުރުފުރައަށް ދޫކުރެވޭ ފަންނުވެރި އުފެއްދުންތަކުގައި އަނިޔާވެރި ޢަމަލާއި، ދެކެވޭ ވާހަކައިގައި އެއްވެސް ހަރުކަށިކަމެއް އަދި ހާސްވާންޖެހޭ ކަމެއް ނުހިމެނޭނެއެވެ. މިފަދަ ފަންނުވެރި އުފެއްދުންތައް ޢާއިލާގެ ހުރިހާ މެމްބަރުންނާއެކު ބަލައިލެވޭނެއެވެ.

މިއީ ބެލެނިވެރިއެއްގެ އިރުޝާދުގެދަށުން ބަލަން ހުއްދަކުރެވޭ އުމުރުފުރައެވެ. މި އުމުރުފުރައަށް ދޫކުރެވޭ ފަންނުވެރި އުފެއްދުންތަކުގައި ވެސް އަނިޔާވެރި ޢަމަލާއި، ދެކެވޭ ވާހަކައިގައި އެއްވެސް ހަރުކަށިކަމެއް އަދި ހާސްވާންޖެހޭ ކަމެއް ނުހިމެނޭނެއެވެ. މި އުމުރުފުރައިގެ އުފެއްދުމެއް 12 އަހަރުން ދަށުގެ ކުދިން ބަލަންވާނީ ބެލެނިވެރިއެއްގެ އިރުޝާދުގެދަށުންނެވެ.

މިއީ 12 އަހަރުން މައްޗަށް ހުއްދަ ދަރަޖައެވެ. މި އުމުރުފުރައަށް ހުއްދަ އުފެއްދުންތަކުގެ ވާހަކަ ނުވަތަ މެސެޖުގައި ބިރުގަނެ، ހާސްވާންޖެހޭ ފަދަ އެއްވެސް ބައެއް 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް އެކަށީގެންނުވާ ވަރަކަށް ނުހުންނާނެއެވެ. އަނިޔާވެރި ޢަމަލު ވަރަށް ކުޑަކޮށް ހިމެނިދާނެއެވެ. ނަމަވެސް މިއުމުރުފުރައިގެ ކުދިން ޖެހިލުންވާވަރުގެ އެއްވެސް ޢަމަލެއް ނުހިމެނޭނެއެވެ. ޑްރަގް ބޭނުންކުރާ މަންޒަރު ހިމެނޭނީ މިއުމުރުފުރައިގެ ކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ހޭލުންތެރިކުރުވުމުގެ އުފެއްދުންތަކުގައި އެކަންޏެވެ.

މިއީ 15 އަހަރުން މައްޗަށް ހުއްދަ ދަރަޖައެވެ. މި އުމުރުފުރައަށް ހުއްދަ އުފެއްދުންތަކުގެ ވާހަކަ ނުވަތަ މެސެޖުގައި ބިރުގަނެ، ހާސްވާންޖެހޭ ފަދަ އެއްވެސް ބައެއް 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް އެކަށީގެންނުވާ ވަރަކަށް ނުހުންނާނެއެވެ. އަނިޔާވެރި އަމަލާއި ވާހަކައިގައި ކޮންމެވެސް ވަރަކަށް ހަރުކަށިކަން ހިމެނިދާނެއެވެ. ނަމަވެސް، މި އުމުފުރައިގެ ކުދިންނަށް އެކަށީގެންނުވާ އެއްވެސް އަމަލެއް ނުވަތަ ބަސްތަކެއް ނުހިމެނޭނެއެވެ. ޑްރަގް ބޭނުންކުރާ މަންޒަރު ހިމެނޭނީ މިއުމުރުފުރައިގެ ކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ހޭލުންތެރިކުރުވުމުގެ އުފެއްދުންތަކުގައި އެކަންޏެވެ.

މިއީ 18 އަހަރުން މައްޗަށް ހުއްދަ ދަރަޖައެވެ. މި އުމުރުފުރައަށް ހުއްދަ އުފެއްދުންތަކުގެ ވާހަކަ ނުވަތަ މެސެޖުގައި ބިރުގަނެ، ޖެހިލުންވާންޖެހޭ ބައިތައް 18 އަހަރުން މަތީގެ މީހުންނަށް އެކަށީގެންވާ މިންވަރަށް ހިމެނޭނެއެވެ. އަނިޔާވެރި ޢަމަލާއި ވާހަކައިގެ ހަރުކަށިކަން މިއުމުރުފުރައަށް އެކަށީގެންވާ ވަރަށް ހިމެނޭނެއެވެ. ޑްރަގް ބޭނުންކުރާ މަންޒަރު ހިމެނުނުކަމުގައި ވީނަމަވެސް، އެކަމަށް ހިތްވަރުދޭ އެއްވެސް މަންޒަރެއް ނުހިމެނޭނެއެވެ.

މިއީ 18 އަހަރުން މައްޗަށް އިންޒާރަކާއެކު ހުއްދަ ދަރަޖައެވެ. މިއުމުރުފުރައިގެ ދަށުން ހުއްދަކުރެވޭ އުފެއްދުންތަކުގައި ހުރެދާނެ މަންޒަރެއް ނުވަތަ އަޑެއްގެ ސަބަބުން ބައެއް ބެލުންތެރިންނަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ މިފަދަ އުފެއްދުންތައް ދޫކުރެވޭނީ އިންޒާރަކާއެކުއެވެ.

މިއީ ހަމައެކަނި ފަންނީ ބޭނުމަށް ހުއްދަ ދަރަޖައެވެ. މިއީ މައިގަނޑު ގޮތެއްގައި ކިޔެވުމަށް ބޭނުންކުރާ އާންމުކުރުން މަނާ އުފެއްދުންތަކަށް ދެވޭ ދަރަޖައެވެ.