އަޅުގަނޑުމެން ނަކީ


ތާރީޙް

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަކީ ކުރިން ފިލްމް ސެންސަރުބޯޑުގެ ނަމުގައި ހިންގަމުން ގެންދެވި އިދާރާއެކެވެ. ފިލްމް ސެންސަރުބޯޑުގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާކޮށް ތަރައްޤީ ކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 29 ޑިސެންބަރު 2005 ން ފެށިގެން 'ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން' ގެ ނަމުގައި ވަކިން ހިންގާ އިދާރާއެއްގެ ގޮތުގައި މިއޮފީސް ހަމަޖެއްސެވިއެވެ.
އަދި މިގޮތަށް ބަދަލުގެނައުމާއި ގުޅިގެން މިބިޔުރޯގެ މައިގަނޑު މަސައްކަތަކީ އިޖުތިމާޢީ މިންގަނޑުތަކާއި އަޚުލާޤީ ހަމަތަކަށް ފެތޭ ފޭރާން ހެޔޮ އަދަބީ އަދި ފަންނީ އުފެއްދުންތަކެއް ދިވެހި މުޖުތަމަޢަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން މިޒަމާނުގެ މުވާޞަލާތީ ވަޞީލަތްތަކުގެ އެހީގައި އާއްމުކުރެވޭ އަދި ޝާއިޢުކުރެވޭ ތަކެތި ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމާއި، ޤާނޫނާއި ގަވާއިދުތަކާއި ޚިލާފު ތަކެތި ހިފެހެއްޓުން ކަމަށް ބަދަލުކުރެވުނެވެ. މިގޮތުން ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ފަންނީ އުފެއްދުންތައް ކްލެސިފައިކުރުމާއި، ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރެވޭ ކޭބަލް ޓީވީ ޗެނަލްތައް ކްލެސިފައިކުރުމާއި އަދި ފިކުރީ އުފެއްދުންތައް ފާސްކުރުމުގެ ޚިދުމަތްތައް ދެއެވެ. އަދި ފަންނީ، އަދަބީ އުފެއްދުންތަކުން އާއްމުންނަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންދެއެވެ.
ފިލްމް ސެންސަރުކުރުމުގެ މަސައްކަތް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފެށިފައި ވަނީ 21 މޭ 1956 ގައި އަލްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައެވެ. އެދުވަސްވަރު ދިވެހިރާއްޖެއަށް ގެންނަ ބޮޑު ސްކްރީން ފިލްމްތައް ބަލާ ސެންސަރުކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ވުޒާރަތުލްމަޢާރިފުގެ ދަށުން މިމަސައްކަތް ފެއްޓެވިއެވެ. ރާއްޖެއަށް އެތެރެކުރެވޭ ފިލްމުތައް އިތުރުވެ، މިމަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން 'ފިލްމް ސެންސަރުބޯޑު' އުފެއްދެވިއެވެ. މިގޮތުން 15 މޭ 1983 ގައި ފިލްމް ސެންސަރުބޯޑުން ވީޑިއޯ ފިލްމް ސެންސަރު ކުރަން ފައްޓަވާފައިވެއެވެ. އޭރު ފިލްމް ސެންސަރުކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަމުން އައީ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި، ދިވެހިންގެ އާދަކާދަތަކަށް ޙުރުމަތްތެރިކޮށް ހިތުމާއިއެކު އަދި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމުގެ މައްޗަށެވެ.
އޭގެފަހުން 17 ފެބުރުވަރީ 1990 ގައި ފުރަތަމަ ފަހަރަށް ފިލްމް ސެންސަރުކުރުމުގެ ގަވާއިދެއް ފާސްކުރެވުނެވެ. ނަމަވެސް ދިވެހި ފިލްމާއި ބިދޭސީ ފިލްމް ސެންސަރުކުރުމުގެ ގަވާއިދު، އެއްގަވާއިދަކަށްވުމުގެ ސަބަބުން މިކަމުގައި އޮޅުންއަރައި، ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭތީ، މިސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ފިލްމް ސެންސަރުކުރުމުގެ ގަވާއިދުތައް ހޯއްދަވައި، އެ ގަވާއިދުތަކުގައި ހުރި ރާއްޖޭގެ ވެއްޓަށް ފެތޭ ކަންތައްތަކާއި ދިވެހި ފިލްމް އުފައްދާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއިއެކު ގަވާއިދެއް އެކުލަވާލެވުނެވެ. މިގަވާއިދަށް ޢަމަލުކުރަން ފެށީ 15 ނޮވެންބަރު 2001 ގައެވެ.
ސެންސަރުބޯޑުން ކުރައްވާ މަސައްކަތާއި ގުޅުންހުރި ވުޒާރާއެއް އުފެއްދެވުމާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ހައުސިންގގެ ދަށުން ހިންގަމުން ގެންދެވި ސެންސަރުބޯޑު 01 އެޕްރީލް 1998 ން ފެށިގެން މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިންގަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖެއްސެވިއެވެ. އެގޮތުން މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރއިން ކުރައްވަމުން ގެންދެވި ދިވެހި ލަވަ ފާސްކުރުމާއި، ލަވަރޯލް ރަޖިސްޓްރީކުރުމާއި އަދި ދިވެހި ފިލްމް ނެގުމުގެ ހުއްދަ ދިނުމުގެ މަސައްކަތް 21 ނޮވެންބަރު 2000 ން ފެށިގެން މިއޮފީހުގެ މަސައްކަތެއްގެ ގޮތުގައި ކުރައްވަމުން ގެންދެވިއެވެ.
11 ނޮވެންބަރު 2008 ން ފެށިގެން މިބިޔުރޯ ހިންގަމުން ގެންދެވީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުންނެވެ. އަދި، 2013 ވަނަ އަހަރުގެ ރިޔާސީ އައުދައުރު ފެށުމަށްފަހު ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ބަދަލުގެންނެވުމާއި ގުޅިގެން 17 ނޮވެންބަރު 2013 ން ފެށިގެން މިބިޔުރޯ ހިންގުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ދަށަށް ބަދަލުކުރެއްވިއެވެ. އެއަށްފަހު، 2018 ވަނަ އަހަރުގެ ރިޔާސީ އައު ދައުރު ފެށުމަށްފަހު ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ބަދަލުގެންނެވުމާއި ގުޅިގެން 17 ނޮވެންބަރު 2018 އިން ފެށިގެން މިބިޔުރޯ ހިންގުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރެވުނެވެ.
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންގެ ތަޞައްވަރު

ފަންނުވެރި އުފެއްދުމަކުން މީހަކަށް ނުވަތަ ބަޔަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ގެއްލުމެއް ލިބިދާފަދަ ގޮތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ދުރާލާ އެންގޭނެ ނިޒާމެއް ގާއިމްކުރުން.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންގެ މިޝަން

ހަރުދަނާ އަދި ޒިންމާދާރުގޮތަކަށް ރާއްޖޭގައި އުފައްދާ އަދި ރާންޖޭން ބޭރުން އެތެރެކުރާ ފަންނުވެރި އުފެއްދުންތަކަށް ދަރަޖަ ކަނޑައެޅުމާއި ރައްޔިތުންނަށް ހަރުދަނާ އަދި ބިނާކުރަނިވި މައުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވުން.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންގެ މަޤްޞަދު

ފަންނުވެރި އުފެއްދުން ޢާންމުންނަށް ހުށަހަޅާއިރު، އެއީކޮން އުމުރު ފުރައަކަށް އެކަށީގެންވާ މައުޟޫއަކަށް ހެދިފައިވާ އުފެއްދުމެއްކަން ދުރާލާ ކަނޑައަޅައި، އެކަން އެންގުން.