National Bureau of Classification
G PG 12+ 15+ 18+ 18+R PU

Exodus: Gods and Kings BANNED in Maldives

2014-12-22 15:54:24

h

 

        ނަންބަރު: (PR)178-D/PRIV/2014/01

 

ނޫސް ބަޔާން

 

 

މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރެވުނު އިނގިރޭސި ފިލްމު "އެކްސޮޑަސް: ގޯޑްސް އެންޑް ކިންގްސް" އަކީ موسي عليه سلام އަށް ނިސްބަތްކޮށް އެކަލޭގެފާނަށް ފުރައްސާރަކުރުމުގެ ގޮތުން ހަދާފައިވާ ފިލްމެކެވެ. މިފިލްމުގައި موسي عليه سلام އަށް މާތް ﷲ ދެއްވި މުޢްޖިޒާތްތަކަކީ އާދައިގެ ޤުދުރަތީ ޙާދިސާތަކެއް ކަމުގައި ވަނީ ދައްކުވައި ދީފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 2 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ކަނޑައެޅިގެން ބަޔާންވެގެންވުމާއެކު، މިފިލްމުގައި ކީރިތި ޤުރުއާނާއި އިސްލާމީ ސީރަތުގައި ބަޔާންވެގެންވާ ގޮތާއި ޚިލާފަށް، މާތްﷲ އާއި ރަސޫލުބޭކަލުންގެ ޤަދަރާއި އިޙްތިރާމް ކުޑަކޮށް ފުރައްސާރަކުރުމުގެ ގޮތުން، موسي عليه سلام އާއި ފިރުޢައުނުގެ ވާހަކަ އަސްލު އޮޅޭގޮތަށް ޚިޔާލީ ވާހަކަތަކާއި ޚުރާފީ ވިސްނުންތަކާއި މަސްހުނިކޮށް އުފައްދާފައިވާ އިސްލާމްދީނާއި ޚިލާފު ފިލްމަކަށްވާތީ، މިފިލްމަކީ ޤާނޫނު ނަންބަރު 75/4 "ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު" ގެ 4 ވަނަ މާއްދާގެ (ހ) ގެ އާއި، "ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދު" ގެ 8 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 6/2008 (އާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 2 ގައިވާ "ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު" ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުން މަނާ ފިލްމެއް ކަމުގައި ކަނޑައަޅައިފީމެވެ.

ވީމާ، މިފިލްމު ދިވެހިރާއްޖޭގައި ވިއްކުމާއި، ބްރޯޑްކާސްޓްކުރުމާއި، ރީބްރޯޑްކާސްޓްކުރުމާއި، ބެލުމާއި އަދި އެހެން މީހަކަށް ދެއްކުމަކީވެސް މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގައި ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން އެއުފެއްދުންތައް ކްލެސިފައިކުރާއިރު، އެތަކެއްޗަކީ ދިވެހި މުޖުތަމަޢު ބަލައިގަންނަ، އިސްލާމްދީނުގެ ހަމަތަކާއި ޚިލާފުނުވާ އުފެއްދުންތަކެއްކަން މިބިޔުރޯއިން ބަލަމުންދާ ކަމުގައި ދަންނަވަމެވެ.

30  ޞަފަރު  1436 ހ.

22 ޑިސެންބަރު 2014 މ.